logo

އދ. ގެ ނިޒާމުގެ ތެރޭގައި ރާއްޖެއިން މިހާރަށްވުރެ ޙަރަކާތްތެރި ދައުރެއް އަދާކުރުމަށް އޮތީ ތައްޔާރަށް - ރައީސް

21 ސެޕްޓެމްބަރު 2024 - 19:00
އދ. ގެ ނިޒާމުގެ ތެރޭގައި ރާއްޖެއިން މިހާރަށްވުރެ ޙަރަކާތްތެރި ދައުރެއް އަދާކުރުމަށް އޮތީ ތައްޔާރަށް - ރައީސް

ީރައީސް މުއިއްޒާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް ގުޓާރޭޒްއާ ބައްދަލުކުރެއްވުމުގެ ކުރިން ސަލާމް ކުރައްވަނީ

ރައީސް ޑރ މުޙައްމަދު މުޢިއްޒު، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި, އދ. ގެ ނިޒާމުގެ ތެރޭގައި ރާއްޖެއިން މިހާރަށްވުރެ ޙަރަކާތްތެރި ދައުރެއް އަދާކުރުމަށް، ޚާއްސަގޮތެއްގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވަމުންދާ މައިގަނޑު މައްސަލަތަކާގުޅޭ ކަންކަމުގައި މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަން ހާމަކުރައްވައިފިއެވެ.

ރައީސްގެ މި ބައްދަލުކުރެއްވުމުގައި ދަރަނި ކުޑަކުރުމާއި މާލީ ޙާލަތު ރަނގަޅުކޮށް ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދުމަށް ފިސްކަލް ރިފޯމް އެޖެންޑާއެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި، ޤައުމަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުގެ މައްޗަށްވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. އަދި މިކަމުގައި ބައިލެޓަރަލް އަދި މަލްޓިލޭޓަރަލް ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ދިވެހިރާއްޖެއަށް ލިބުން މުހިންމުކަމުގައި ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ވަނީ ބައިނަލްއަޤްވާމީ މައްސަލަތަކުގައި، ޚާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރޭވެ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް ތަޢުރީފު ކުރައްވާފައެވެ. މިކަންތައްތަކުގެ އިތުރުން ރާއްޖެއަށް ކުރިމަތިވާ އެހެން މުހިންމު ކަންކަމުގައިވެސް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސް ވަނީ ސެކްރެޓަރީ ޖެނެރަލްގެ ލީޑަރޝިޕްގެ ދަށުން، ދުނިޔޭގެ މަސްރަޙުގައި ބޮޑެތި މައްސަލަތަކަށް ބަހުސްކުރުމުގައި އެންމެހާ މެންބަރު ޤައުމުތަކަށް ހަމަހަމަ ފުރުޞަތު ދެއްވުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓް