ރައީސްގެ ބައްޕާފުޅުގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ފަނޑިޔާރުކަމުގެ ގައުން ހައިކޯޓުން ދެއްވައިފި
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގައި ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކުރައްވައި، ފަޟީލަތުއްޝައިޚް އަލްއުސްތާޛު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާނަށް ދެއްވި ގައުންކޮޅާ، އެ މަރުޙޫމްގެ ދަރިކަލުންގެ ޙައިޘިއްޔަތުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޙަވާލުވެވަޑައިގެންފިއެވެ.
މިރޭ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން ގައި ބޭއްވި "އިސްތިރާޖީ ޢަމަލީ ތަދުބީރު 2025-2027 " އިފުތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ރައީސްއަށް ގައުން ހަވާލުކޮށް ދެއްވީ އެ ކޯޓުގެ އިސް ފަނޑިޔާރު ހުސެއިން ޝަހީދު އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ބައްޕާފުޅު ފަޟީލަތުއްޝައިޚް އަލްއުސްތާޛު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާނަކީ، މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއިން ޝަރީޢަތާ ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެބޭފުޅާއަކީ ދިވެހިރާއްޖޭގެ ހައިކޯޓު އަލަށް އުފައްދަވައި، އެ ކޯޓަށް ފުރަތަމަ ޢައްޔަނު ކުރެއްވި ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގައި އިސްތިއުނާފު މަރުޙަލާގެ އެންމެ މަތީ ކޯޓުގެ ގޮތުގައި ހައިކޯޓު ހުރިއިރު އެ ކޯޓުގެ ފަނޑިޔާރުކަން ކުރެއްވުމުގެ އިތުރުން، ފަޟީލަތުއްޝައިޚް އަލްއުސްތާޛު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާން ވަނީ، ބަންޑާރަނާއިބުގެ އޮފީސް ހިންގަވާ އިސް ބޭފުޅެއްގެ ގޮތުގައި، އެޓަރނީ ޖެނެރަލްގެ ނާއިބުކަމުގެ މަޤާމުވެސް އަދާކުރައްވައިފައެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި އިސްލާމީ ތަޢުލީމުގެ ކަންކަން ބަލަހައްޓަވާ އެންމެ އިސް މަސްއޫލުވެރިއެއްގެ މަޤާމުގައިވެސް ޚިދުމަތްކުރައްވައިފައެވެ.
އެ މަނިކުފާނަށް 2013ވަނަ އަހަރު ވަނީ، ދީނީ ރޮނގުން ޤައުމީ ޝަރަފުވެރިކަމުގެ އިނާމް ވެސް ދައުލަތުން ދެއްވާފައެވެ.
"އަލީގެ މައްޗަށް އައްޔެއް" ފަދަ ދީނީގޮތުން މަޤްބޫލު އެތައް ޕްރޮގްރާމެއްގައި ދިވެހިރާއްޖޭގެ ޤައުމީ މީޑިއާ މެދުވެރިކޮށް އެމަނިކުފާނު ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި ދީނީ ތަޢުލީމު އުނގަންނައިދެއްވުމުގެ އިތުރަށް ޢިލްމީ އެކި މައުޟޫޢުތަކުގައި ދިރާސާކުރައްވަައި ލިޔުއްވާފައިވެއެވެ. އިސްލާމްދީނަށް ޚިދުމަތްކުރުމަށް ސަރުކާރުން އުފެއްދެވި ވަރަށް ގިނަ ކޮމިޓީތަކުގައިވެސް އެމަނިކުފާނު ވަނީ ހިމެނިވަޑައިގެންފައެވެ.
ސިޔާސީ ގޮތުންނާ، ޢިލްމީ ގޮތުން ޚިދުމަތްތެރި ޝަޚްޞިއްޔަތުތަކެއް އުފެދުނު ޢާއިލާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ފަޟީލަތުއްޝައިޚް އަލްއުސްތާޛު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާނަކީ މުޖްތަމަޢުގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެންފައިވާ ޤަދަރުވެރި ބޭފުޅެކެވެ.