ބޭރު ފައިސާ އާއިބެހޭ ޤާނޫނެއް ހެދިގެން ދިއުމަކީ މުހިއްމުކަމެއް އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް އެތައް ފައިދާތަކެއް ލިބިގެންދާނެ
-
ބޭރު ފައިސާ އާއިބެހޭ ޤާނޫނެއް ހެދިގެން ދިއުމަކީ މުހިއްމުކަމެއްކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް އެތައް ފައިދާތަކެއް ލިބިގެންދާނެކަމުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވި މިއަދު މީސް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި 500 ޑޮލަރު މާރު ކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާއި ބެހޭ ބިލުގައި އޮތުމަކީ ވަރަށް ރަނގަޅު ކަމެއްގޮތުގައި ފާހަގަކުރައްވައި, އެކަމަށްޓަކައި އެމްއެމްއޭއަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި 17 ނޮވެމްބަރ 2024 ގައި އެމަނިކުފާނު ދެންނެވި ފަދައިން ގަވައިދު ތަންފީޒުކުރުން ވަރުގަދަ ކުރުމަށްޓަކައި އެމްއެމްއޭ އިން އިސްނަގައިގެން ބޭރު ފައިސާ އާއިބެހޭ ޤާނޫނެއް ހެދިގެން ދިއުމަކީ މުހިއްމުކަމެއްކަމުގައި ވިދާޅުވެފައިވެއެވެ. ހަމަ އެއާއެކު މި ޤާނޫނުގެ ސަބަބުން ރިސޯޓު ތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރު ކުރެވިގެންދާނެކަމަށާއި މީގެ އިތުރުން ޓޫރިޒަމް ނޫން ދާއިރާތަކުންވެސް ވަކި ވަރަކަށްވުރެ ގިނައިން ޑޮލަރު ޢާމްދަނީ ލިބޭނަމަ، ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ހިމަނާފައިވައިވުމުން ބޭންކިން ނިޒާމުގައި ދައުރުވާ ޑޮލަރު ކުރިން އަންދާޒާކުރި ވަރަށްވުރެ އިތުރުވެގެންދާނެކަން ރައީސް ފާހަގަކުރައްވާފައިވެއެވެ.
ރައީސްގެ ޕޯސްޓުގައި މި ބަދަލުގެ ސަބަބުން ލިބިގެންދާނެ ފައިދާތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައިވެއެވެ. އެގޮތުން، 2025 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރުމާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026 ގެ ފުރަތަމަ ކުއާޓަރގައި ދެގުނަކޮށް، އެއަދަދު 1000 ޑޮލަރަށް ހެދުމާއި، 2026 ގެ ފުރަތަމަ ކުއާޓަރގައި ކްރެޑިޓް ކާޑު ލިމިޓްތައް ބޮޑުކޮށްދިނުމާއި، 2025 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ދިވެހި ވިޔަފާރިވެރިން މުދާ އިމްޕޯޓްކުރުމުގެ ގޮތުން، ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރުން ފާހަގަކުރައްވާފައިވެއެވެ.
އެކްސްގައި ކުރެއްވި މި ޕޯސްޓް ރައީސް ނިންމަވާލައްވާފައިވަނީ، އާންމު ރައްޔިތުންނަށް ފައިދާ ހުރި މިފަދަ ކޮންމެ ކަމެއް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ދެއްވާ ފުރިހަމަ އެއްބާރުލެއްވުމަށް، ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރައްވަމުންނެވެ.