logo

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވަރކްސް ޚިދުމަތް ދޭނެ ޔުނިޓެއް ގާއިމުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

23 ޖެނުއަރީ 2025 - 14:00
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވަރކްސް ޚިދުމަތް ދޭނެ ޔުނިޓެއް ގާއިމުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

-

ޕަބްލިކް ވަރކް ސައިޓްތައް ހެދުމަކީ އިންވެސްޓްމަންޓެއް ކަމަށާއި، މި ހިނގާ 2025 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވަރކްސް ޔުނިޓެއް ގާއިމުކުރައްވާނެ ކަމުގެ ޔަޤީންކަން، ރައީސް ޑރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ކޮންމެ އަތޮޅެއްގައި އެންމެ މަދުވެގެން، ޕަބްލިކް ވަރކްސް ޚިދުމަތް ދޭނެ އެއް ޔުނިޓް ގާއިމުކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވާފައި މި ވަނީ، މާޅޮސްމަޑުލު އުތުރުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާކުރަތަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން ރ އަތޮޅުގައި ޕަބްލިކް ވަރކްސް ޚިދުމަތް ދޭ މަރުކަޒު ގާއިމުވެގެންދާނީ ރ. މާކުރަތުގައިކަން ރައީސް ވަނީ އިޢުލާންކުރައްވާފައެވެ.

ތަރައްޤީއަށް ހިންގާ ގިނަ މަޝްރޫޢުތަކެއްގެ ދުރު ރާސްތާއަށް ބަލާއިރު އެފަދަ ތަންތަން ބެލެހެއްޓުމަށްޓަކައި ޕަބްލިކް ވަރކްސް ޚިދުމަތަކީ އިންތިހާއަށް މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިއީ އެއްވެސް ޙާލެއްގައި ބޭކާރުވެގެންދާ ޚަރަދެއް ނޫން ކަމަށެވެ. ދުރު ރާސްތާއަށް ބަލާއިރު، ޢުމްރާނީ ގޮތުން ރަށްރަށަށް ގެނެވޭ ތަރައްޤީ ބެލެހެއްޓުމަށް ޕަބްލިކް ވަރކްސް ޔުނިޓެއް ހުރުމަކީ، އެތައް ޚަރަދެއް ސަލާމަތް ކުރެވޭނެ ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވަރކްސް ޚިދުމަތް ދިނުމަށްޓަކައި އެންމެ މަދުވެގެން، އެއް ޔުނިޓް ގާއިމުކުރެއްވުމުގެ އިތުރުން، ރާއްޖޭގެ އުތުރު އަދި ދެކުނުގެ ސަރަޙައްދު ހިމެނޭ ގޮތަށް، ހުރިހާ ވަސީލަތަކާއެކު އެއްތަނުން އަނެއް ތަނަށް އުފުލައި، ބަދަލު ކުރެވޭ މޯބައިލް ޕަބްލިކް ވަރކްސް ޔުނިޓްގެ 2 ޔުނިޓް އުފައްދަވާނެ ކަންވެސް ރައީސް ވަނީ އިޢުލާންކުރައްވާފައެވެ. މި މަސައްކަތްތަކަކީ މި ހިނގާ 2025 ވަނަ އަހަރުގެ ބަޖެޓުން ޚަރަދު ކުރައްވައިގެން ކުރިއަށް ގެންދަވާނެ މަސައްކަތްތަކެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ރ. މާކުރަތުގެ ތަރައްޤީއަށް ޚާއްޞަކުރައްވައިގެން ކޮށްދެއްވާނެ ކަންކަން ރައްޔިތުންނާ ހިއްސާކުރެއްވިއެވެ. ރަށުގެ ތަރައްޤީގައި ޙަޤީޤީ ކުލަޖެއްސުމަށްޓަކައި ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވަމުން ރައީސް ވަނީ، އެކި ސަބަބުތަކާ ހެދި މިކަންކަން ނުވެ ހުރި ކަމުގައި ވީ ނަމަވެސް، ރައްޔިތުން އެދޭފަދައިން ކަންކަން ކުރިއަށް ގެންދަވައި، ނަތީޖާ ނެރެދެއްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ. އެގޮތުން ބަނދަރުގެ މައްސަލައާއި، ރަށް ގިރުމުގެ މައްސަލަވެސް ހައްލުވާ ގޮތަށް އެ މަޝްރޫޢު ފުރިހަމަކޮށް ކުރިއަށްގެންގޮސްދެއްވައި، ޕަބްލިކް ވަރކްސް ސައިޓް ގާއިމުކުރުމަށް ފެށިފައި އޮތް މަސައްކަތް، ރައްޔިތުން އެދޭ ފެންވަރަށް މި އަހަރު ތެރޭގައި ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ.

ރ. މާކުރަތުގެ ޞިއްޙީ ދާއިރާއަށް ދިމާވެފައިވާ އިންސާނީ ވަސީލަތުގެ ދަތިކަމާއި، އެ ނޫންވެސް ފަންނީ ވަސީލަތްތަކުގެ ދަތިކަން ޙައްލު ކުރުމުގެ މަސައްކަތް މިއަހަރުގެ ބަޖެޓުތެރެއިން ކުރެއްވުމަށް ނިންމަވާފައިވާ ކަމަށާއި، ތަޢުލީމީ ދާއިރާއަށް ބޭނުންވާ ތަރައްޤީގެ ކަންކަންވެސް މިއަހަރު ތެރޭގައި ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ކުޅިވަރުކުޅެ އުޅެވޭނެ ތަރައްޤީ ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހުރިއްޔާ ވަނީ ދެއްވާފައެވެ. އެގޮތުން ރ. މާކުރަތުގައި މި އަހަރު ތެރޭގައި އައު ފުޓްސަލް ދަނޑެއް އަޅައިދެއްވާނެ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އިތުރު މަޝްރޫޢުތައް ހިންގަވައިދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މުޅި ރާއްޖެއަށް ދިމާވެފައި އޮތް ގެދޮރުގެ ދަތިކަމުގެ މަޝްރޫޢަށް އިޝާރާތްކުރައްވާ ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ، ރ. މާކުރަތުގައި ހައުސިންގް ޔުނިޓް އެޅުމުގެ މަސައްކަތް، 2026 ވަނަ އަހަރަށް ބަޖެޓްކުރައްވައިގެން ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން، ރަށުގެ ތަރައްޤީއަށްޓަކައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވައި، ދެން ރަށަށް ވަޑައިގަންނަވާނީ އެފަދަ މަޝްރޫޢުތަކެއް ނިމި، އެކަމުގެ އުފަލުގައި ބައިވެރިވެޑައިގަތުމުގެ އުންމީދުގައިކަން ފާހަގަކުރައްވަމުންނެވެ.

މާޅޮސްމަޑުލު އުތުރުބުރިއަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅު، މިރޭ އިރާކޮޅު ނިންމަވާލައްވާއިރު، އެ އަތޮޅުގެ 11 ރަށަކަށް އެމަނިކުފާނު މިޒިޔާރަތުގައި ވަޑައިގެންނެވިއެވެ.

ކޮމެންޓް