މަސްޖިދުއް ނަބަވީގެ އިމާމު ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

-
މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑޮކްޓަރ ޞަލާޙުލް ބުދައިރު، ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑޮކްޓަރ ޞަލާޙުލް ބުދައިރަށް މަރުހަބާ ދަންނަވާ، ސަޢޫދީ ޢަރަބިއްޔާ އާއި ދިވެހިރާއްޖޭގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި، މިދަތުރުފުޅަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގައި އެޅިގެންދާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ. ރައީސްގެ ވާހަކަފުޅުގައި، ޑޮކްޓަރ ޞަލާޙުލް ބުދައިރުގެ މިދަތުރުފުޅަކީ، ވޭތުވެދިޔަ 41 އަހަރުގެ ތެރޭގައި މަސްޖިދުއްނަބަވީގެ އިމާމަކު ރާއްޖެއަށް ޒިޔާރާތްކުރެއްވި ފުރަތަމަ ފަހަރުކަމަށްވެސް ފާހަގަކުރެއްވިއެވެ.
ޑޮކްޓަރ ޞަލާޙުލް ބުދައިރުގެ ވާހަކަފުޅުގައި އެމަނިކުފާނަށް ރާއްޖެއިން އެރުވި ދަޢުވަތާއި މެހެމާންދާރީއަށް ޝުކުރުދެންނެވިއެވެ. އަދި، ދެޤައުމުގެ މެދުގައި އޮތް ގުޅުމަކީ އިސްލާމީ ވަހުދަތުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއްކަމަށް ވިދާޅުވެ، އެގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭގޮތުން އެމަނިކުފާނު ވާހަކަފުޅުދެއްކެވިއެވެ. މި ބައްދަލުކުރެއްވުމުގައި ޑޮކްޓަރ ޞަލާޙުލް ބުދައިރު ވަނީ، ސަޢޫދީ ރަސްގެފާނު، ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލްސަޢޫދު އާއި އެޤައުމުގެ ވަލީޢަހުދު ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒު އަލްސަޢޫދު ގެ ހެޔޮ އެދުންތައް ރައީސްއަށް އަރިސްކުރައްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީގައި، ޚާއްޞަކޮށް އިސްލާމީ ތަޢުލީމު ފުޅާކުރުމުގައި، ސަޢޫދީ ޢަރަބިއްޔާގެ ދައުރުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ޙައްޖާއި ޢުމްރާގެ އަޅުކަމުގެ އިންތިޒާމުތައް ފަސޭހަކޮށްދިނުމާއި، ޙައްޖާއި ޢުމްރާވެރިންނަށް ސަޢޫދީ ސަރުކާރުން ފޯރުކޮށްދެމުންދާ މެހެމާންދާރީއަށް ރައީސް ޚާއްޞަ ޝުކުރެއް ދެންނެވިއެވެ.
ދެ ބޭފުޅުންގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، މަސްޖިދުއް ނަބަވީގެ އިމާމުގެ މި ތާރީޚީ ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެ އާއި ސަޢޫދީ ޢަރަބިއްޔާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވަމުންނެވެ.